ރ. ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކޮށްދެއްވާނޭކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަށަށް ކޮށްދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ނިންމެވުން ކަމަށެވެ. މިގޮތުން، ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނޭކަމަށާއި، ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅިވަރުގެ ވަސީލަތްތަކާއި، ކުނި ނައްތާލުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވުމުގެ މަސައްކަތް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކަމާގުޅުންހުރި ވަޒީރުން، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރަށުގެ މުވައްސަސާތަކުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވައި، ކައުންސިލާއި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ކަންކަން ތަރުތީބުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، މިއަހަރު ނިމޭއިރު، މައްސަލަތަކަށް ޙައްލު ލިބި އެކަމުގެ އުފާފާޅުކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް އަލުން ރަސްގެތީމަށް ވަޑައިގަންނަވާނޭކަމަށް ވިދާޅުވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.




