ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމެވެ.
މި މަޝްރޫޢުގެ ދަށުން ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢަށް ޚަރަދުވާނެ ކަމަށް 450,120 ރުފިޔާ ލަފާކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއެވެ.
ށ. އަތޮޅު ކައުންސިލުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، މި ފާމްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭނީ ގޮއިދޫ ކައުންސިލާއެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އަތޮޅުގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން މި މަޝްރޫޢާ ގުޅޭގޮތުން ބުނީ، މިފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކޮށް، ކާނާއަށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ރައްކާތެރި ކާބޯތަކެތި ރާއްޖޭގެ ދަނޑުފަންގިތަކުން ލިބޭނެ މަގު ފަހިކުރުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ފަރުދީ ގޮތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަގައިގެން މިފަދަ މަޝްރޫޢުތައް ހިންގުމަކީ އެ ވުޒާރާއިން ބަލައިގަންނަ އަދި ހިތްވަރުދޭ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.



