ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރ. އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަދި އަނގޮޅިތީމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ނިންމާފައެވެ. އެގޮތުން މިހާރު ބީއެމްއެލްއިން ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ޚިދުމަތް ދެމުންނެވެ.



