އެއާ އެމްބިއުލަންސްގެ ޚިދުމަތް ފެށިތާ 10 މަސް ފުރުނުއިރު، 804 ބަލިމީހުން އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މި މުއްދަތުގެ ތެރޭގައި އެއަރ އެމްބިއުލަންސް 700 ދަތުރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މާރިޗު 1 ވަނަ ދުވަހު ތަޢާރަފުކުރި މި ޚިދުމަތުގެ މަޤްޞަދަކީ ކުއްލި ޞިއްޙީ އެހީތެރިކަން ފުޅާކޮށް، ބަލިމީހުން އުފުލުމުގެ ނިޒާމު ހަރުދަނާކުރުމެވެ.
އައިލެންޑް އޭވިއޭޝަނާ ގުޅިގެން ސަރުކާރުން ފޯރުކޮށްދޭ މި ޚިދުމަތަކީ 24 ގަޑިއިރު ލިބެންހުންނަ ޚިދުމަތެކެވެ. ކުއްލި ފަރުވާގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މި ޚިދުމަތުގައި މަސައްކަތްކުރެއެވެ.
ޑޭޝް-8 ވައިގެ އުޅަނދުގައި ފެށި މި ޚިދުމަތް، މާރިޗު 15 ވަނަ ދުވަހުން ފެށިގެން ސީޕްލޭންގައިވެސް ފޯރުކޮށްދޭން ފެށިއެވެ.
މީގެ ކުރިން ކުއްލި ފަރުވާއަށް ބަލިމީހުން އުފުލުމުގައި ބޭނުންކުރަމުން އައީ މޯލްޑިވިއަން އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެވެ.
އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



