ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގައި ހުރި ވަސީލަތްތައް މެދުނުކެނޑި ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ގެނައުމުގެ މަޝްރޫއާ އެއްފަދައިން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓްތަކަކީވެސް ބައިނަލްއަގުވާމީ ފެންވަރުގެ އެންމެ ރަނގަޅު ބްރޭންޑުތަކުގެ ތަކެތިކަމުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ ރަށްރަށަށް އެއްފަހަރާ މި ވަސީލަތްތައް ގަނެ، ހަރުކޮށް، އޭގެ ރީއެޖެންޓްސްއާއި އެހެނިހެން ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. މިގޮތަށް ކަންކަން ކުރުމުން ކުރިމަގުގައި މެއިންޓެނަންސް ހަރަދު ކުޑަވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


