އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
މި ޔަޤީންކަން ދެއްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސްގެ ވާހަކަފުޅުގައި އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މަސައްކަތް ޙަވާލުކުރެވުނު ކުންފުނިން އެ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައިވާކަން ފާހަގަކުރަައްވާ ރައީސް ވިދާޅުވީ އެ ރަށްރަށުގައިވެސް ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށެވެ.
އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސްފައިވާ ކަމަށާއި، އެ މަސައްކަތް ނިމޭއިރު މޫދަށް އެރޭނެ ސަރަޙައްދަކާއެކު ތަރައްޤީ ކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް މި އަހަރުގެ ބަޖެޓުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ފެނާ ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަނގޮޅިތީމުގެ މަގުތައް ތަރައްޤީކުރަން ފައްޓަވާނެއެވެ. އަދި ޒުވާނުންނަށާއި އަންހެން ބޭފުޅުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށާއި، އެގޮތުން ހޭންޑްބޯލް ކޯޓެއް އަޅައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



