ތުރުކީވިލާތުގެ ސްކީ ރިސޯޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ތުރުކީގެ ފަރުބަދަ ސަރަހައްދުގައި ހުންނަ ކާރްޓަލްކަޔާ ރިސޯޓުގައި ހިނގި މި ހިތާމަވެރި ހާދިސާގެ ޚަބަރު ލިބިވަޑައިގަތީ ވަރަށް ބޮޑު ހައިރާންކަމާއި ހިތާމައާއެކު ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ރައީސް މުޢިއްޒު ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
ތުރުކީވިލާތުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާގައި 66 މީހުން ވަނީ މަރުވެފައެވެ. މި ހާދިސާ ފެށުނީ ކާރްޓަލްކަޔާ ރިސޯޓުގެ ގްރޭންޑް ކާޓަލް ހޮޓެލުގެ ރެސްޓޯރަންޓެއްގައި ރޯވި އަލިފާންގަނޑެއް ފެތުރެން ފެށުމުންނެވެ.
11 ފަންގިފިލާގެ މި ހޮޓަލުގެ ކޮޓަރިތަކުގައި ތިބި ބައެއް މީހުން ވަނީ އަލިފާނުން ސަލާމަތްވުމަށްޓަކައި ކުޑަދޮރުތަކުން ބޭރަށް ފުންމާފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފެށުނީ ހާދިސާ ރިޕޯޓުކުރިތާ 45 މިނެޓު ފަހުންނެވެ.
ތުރުކީވިލާތުގެ ޞިއްޙީ ވަޒީރު ކަމާލް މެމިސޮގްލު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގިއިރު ހޮޓަލުގެ ކޮޓަރިތަކުގައި 234 މީހުން ތިބިއިރު، 51 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.



