ރ. އަތޮޅުގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، އެ ގޮތުން ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި ފަދައިން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
ރ. އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ.އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު، އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
”ގޮންޖެހުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މޫސުމީ ގޮތުން ފުރުޞަތު ފަހިވުމާއެކު އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، އަޅުގަނޑު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފުރިހަމަކޮށް ނިންމައިދޭނެކަމުގެ ޔަޤީންކަން ދެން. އަޅުގަނޑުގެ ވެރިކަމުގެ މި ދައުރުގައި، އުނގޫފާރުގައި 500 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރިއަށްގެންދާނަން“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މި ފަދައިން ރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. އަރބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްޤީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެ ރަށުގެ ޞިއްޙީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެ ގޮތުން، 3 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.



