ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ދަރަނީގެ މައްސަލައިގައި، އެމަނިކުފާނު ޒިންމާ ކުރުވަން އުޅޭތީ، ރައީސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފިއެވެ.
ދަރަނީގެ މި މައްސަލައަކީ ޑީއާރްޕީން އެމްޓީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލައެވެ. އެގޮތުން އެމްޓީސީސީން ވަނީ އެ ފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ރައީސަކީ ރައީސް މައުމޫން ކަމަށްވުމާއެކު، ދަރަނީގެ އެ ފައިސާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް އެކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ނިމިފައިވަނީ ރައީސް މައުމޫނާއި އެއްކޮޅަށެވެ. އަދި އެ ފައިސާ ދެއްކުމަށް ރައީސް މައުމޫން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ކޯޓުން ނިންމާފައިވެއެވެ.
ދަށުކޯޓުގެ ނިންމުން އެމްޓީސީސީ ހައިކޯޓްގައި އިސްތިއުނާފުކުރުމުން އެކަމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީ މިދިޔަ އަހަރުގެ އޭޕްރިލްމަހުއެވެ. މި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނަށް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލު ކޮށްފައެވެ.




