ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއްވެސް ފުއްދަވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ ދެން ރަށްރަށަށް ވަޑައިގަންނަވާނީ ވައުދުތައް ފުއްދައި، ރައްޔިތުންނާއެކު އެކަމުގެ އުފާފާޅުކުރައްވަން ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑުއްވަރީއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދަވަން މިއަހަރު ފައްޓަވާނެ ކަމަށެވެ.
”މިދަތުރުގައި އަޅުގަނޑު ހަޤީޤަތުގައި ބޭނުންވީ ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން ދޭން، މިރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން މިއަހަރުން ފެއްޓިގެން އަޅުގަނޑުގެ ދައުރުގެ ތެރޭގައި އިރާދަކުރެއްވީތީ ކޮށްދޭނަންކަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން، މަޑުއްވަރީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ވެސް ވީހާ ވެސް އަވަހަކަށް ގުޅިލާމެހިގެންދާނެ ގޮތަކަށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މަޑުއްވަރީ ރައްޔިތުން އިގުތިސާދީ މަސައްކަތް ކުރަން އެ އަތޮޅު އުފުލަންދޫ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެ އަތޮޅު މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނުއްވަން ވެސް އެ މަނިކުފާނު ވަނީ ވައުދުވެލައްވައިފައެވެ.




