މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީޤު އައްޔަނު ކޮށްފިއެވެ.
ބްރޯޑްކޮމްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ މަހު ހަމަވުމުންނެވެ.
އެ ކޮމިޝަނަށް ސަފާ އައްޔަނު ކޮށްފައިވަނީ މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެގޮތުން އެ މަގާމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވުމުން މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުން ނިންމީ ސަފާ ބްރޯޑްކޮމްގެ ރައީސް ކަމަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.
ސަފާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓަ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން މާސްޓަ އޮފް ކޮމިއުނިކޭޝަން ހާސިލުކުރައްވާފަ އެވެ.
ޓީވީއެމްގައި 2006 ވަނަ އަހަރުން ފެށިގެން ޕްރޮގްރާމްތައް ހުށަހަޅުއްވުމުގެ އިތުރުން އެނާ ވަނީ އެ ސްޓޭޝަނުގައި ޕްރޮޑިއުސަރެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.



