ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ އާލާތްތައް އެތެރެކުރުން ހުއްޓުވޭނީ ޤާނޫނުން އެކަން މަނާ ކުރުމުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން އާންމުކުރި ކަމަށް ބެލެވޭ އިއުލާނެއްގައި ބުނެފައިވަނީ ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާތީ، ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންވާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށެވެ.
ނަމަވެސް، އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތި ގެނައުމުގެ ހުއްދަ އަލުން ކަސްޓަމްސްއިން ދޭން ފަށާފައިވާ ކަމުގެ މައުލޫމާތު މިއަދު އެކި މީޑިއާތައް މެދުވެރިކޮށް ވަނީ ލިބިފައެވެ.
މިކަމާ ގުޚޭގޮތުން ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ، އެ އިދާރާއަކީ ތަންފީޒީ އިދާރާއަކަށްވުމާއެކު، ކަސްޓަމްސްއިން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކުރަން ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ކްލިއަރ ކުރާ މަރުހަލާގައި ބެލުމަށްފަހު، އެ މުދަލަކީ ރާއްޖެއަށް އެތެރެކުރުން ޤާނޫނީ ގޮތުން މަނާކުރާ މުދަލެއް ނޫންނަމަ، އެތަކެތި އެތެރެކުރުން މަނާ ނުކުރާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ހެލްތު މިނިސްޓްރީއާ މީގެކުރިންނާއި މިހާރުވެސް ކުރި ސުވާލުތަކަށް އެ މިނިސްޓްރީގެ ފަރާތުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.




