މާލޭގެ ގުދަނެއްގައި މިއަދު ފަތިހު ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި، ރޯވެފައިވަނީ ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައިކަމަށެވެ.
އެ ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ ފަތިހު 04:20 ހާއިރެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ސިފައިންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް މައުލޫމާތު ލިބެއެވެ.



