ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމުމުގެ ސަބަބުން އެ ޤައުމަށް ލިބުނު ނަޞްރު ފާހަގަ ކުރުމަށްޓަކައި މާލޭގައި ބޮޑު އެއްވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
ދިގު 15 މަސް ދުވަހުގެ އަނިޔާވެރި ހަމަލާތަކަށްފަހު، އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާ، ދެ ޤައުމުގެ ހައްޔަރީންނާއި ރަހީނުން މިނިވަން ކުރަން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއާއެކު މުޅި ޣައްޒާއަށް އެތައް ދުވަހެއްފަހުން ވަނީ އުފާވެރިކަން ވެރިވެ، ބިރަކާނުލައި ހިނިތުންވެލުމުގެ ފުރުސަތުވެސް ލިބިފައެވެ.
މިކަމާ ގުޅިގެން ރާއްޖެއިން ވެސް ޣައްޒާގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ”ޣައްޒާގެ ނަޞްރު“ ގެ ނަމުގައި މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އެއްވުން އިންތިޒާމު ކުރަނީ އިސްރާ އެސޯސިއޭޝަންގެ ފަރާތުންނެވެ.
މި ބޮޑު އެއްވުން އޮންނާނީ އާޓިފިޝަލް ބީޗުގައި މާދަމާ ހަވީރު 4:15 ގައެވެ.




