މި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ތަރައްޤީކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކިނޮޅަހުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ކުޑަކުދިންގެ އެދުމަކަށް އިޖާބަދެއްވައި، ރައީސް ވިދާޅުވީ އާބާދީއަށް ބެއްލެވުމެއްނެތި ހުރިހާ ރަށެއްގައި ކުޅޭ ބިންތައް ގާއިމުކުރުމަކީ ތަރައްގީގެ މުހިންމު ބައެއް ކަމަށާއި ތުއްތުކުދިން ބޭނުންވާ ޕާކު ކިނޮޅަހުގައި މިއަހަރު ތެރޭގައި ހައްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، ކިނޮޅަހުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް މިއަހަރު އަޅުއްވައިދެއްވާނެ ކަމަށާއި، މުޅި ރާއްޖޭގައި ހޭންޑްބޯލް ކުޅުން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، މިއަހަރު ތެރޭގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެއްވުމަށް މަސައްކަތް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ކިނޮޅަހުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށާއި، މުޅި ރާއްޖެއަށް ޝާމިލުވާގޮތަށް ޕަބްލިކް ލައިބްރަރީ ޚިދުމަތް ގާއިމުކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ކިނޮޅަހުގައި އޭ.ޓީ.އެމް ބެހެއްޓުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




