ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ބައެއް ރަށްރަށުގައި ގަދަ ވިއްސާރައާއެކު ވަރަށް ބޯކޮށް ވާރޭވެހި، ގުގުރުމާއި ގަދަ ވައި ޖެހޭނެކަަމަށް ލަފާކުރެވެއެވެ.
މޫސުން އެއްކޮށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމަާލު ނެރެފައިވާއިރު، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އެއިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު، އެރަށަށް 129.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ފާހަގަކުރެވެއެވެ.
ކަނޑުގެ ޙާލަތަށް ބަލާއިރު، ރާއްޖޭގެ ދެކުނު ސަރަޙައްދުގެ ކަނޑު އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ސަރަޙައްދުތަކަށް އާދައިގެވަރަކަށް މަޑުވެ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
ހަމައެއާއިއެކު، ވައިގެ ދުވެއްޔަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެނިހެން ސަރަޙައްދުތަކުގައި އުތުރާއި އިރު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.




