ތޫނު އެއްޗަކުން ބިރުދައްކައިގެން ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ބިރުދައްކައިގެން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއް 22 ޖެނުއަރީ 2025 ވަނަ ދުވަހުގެ ރޭ 10:14 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރަސްފަންނު ސަރަހައްދުގައި ފުޓް ޕެޓްރޯލް ކުރުމުގައި އުޅުނު ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައިދާތަން ފެނުމުން، ދުވެފައި ދިޔަ މީހުންގެ ފަހަތުން ދިޔަ މީހާއާ ބައްދަލުކޮށް ސުވާލު ކުރުމުން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
ފައިސާތައް ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެހެން ޕެޓްރޯލް ބީޓުތަކުގެ އެހީތެރިކަމާއެކު ނޯތު ހާބަރު ސަރަހައްދުން ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހުން ފޭރިފައިވަނީ 1000 ދިވެހި ރުފިޔާއާއި، 10 ޔޫރޯއާއި، 10 ބަންގްލަދޭޝް ޓާކާއާއި، 20 ޝްރީލަންކާ ރުޕީސްއާއި، 500 އިންޑިއާ ރުޕީސްއާއި 2 ސިންގަޕޫރު ޑޮލަރެވެ. މީގެތެރެއިން 1000 ދިވެހި ރުފިޔާއާއި 20 ޝްރީ ލަންކަން ރުޕީސްއާއި 2 ސިންގަޕޫރު ޑޮލަރު އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ އައްޒަ / މުބާރިކް މުޙައްމަދު (34އ.) އާއި ޏ. ފުވައްމުލައް ދިގުވާންޑު، ގުރަހާގޭ / އަހްމަދު ފަޔާޒް (30އ.) އާއި ހަމައެރަށު ކައިރުގެ އަހްމަދު ނަދީފު (36އ.) އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.




