ކިނޮޅަސްގެ ތަރައްޤީއާ ގުޅޭ ގޮތުންނާއި ރައްޔިތުން އެދޭ ކަންކަަމާއި ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަށުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ކިނޮޅަސް ސްކޫލުގައި ކުރިއަށްދިޔަަ މި ބައްދަލުވުމުގައި ކިނޮޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ ރައީސް ޑރ. މުޢިއްޒުއަށް ރަށުގެ ތަރައްޤީގެ ޕްލޭން ހުށަހަޅުއްވައި، ރައްޔިތުންގެ އެންމެ ބޭނުންވާ ކަންކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްގެ އިތުރުން، ޞިއްޙީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތަކާއި، ރަށުގައި ލައިބްރަރީއެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުސަލް ދަނޑަކާއި، ވޮލީ ކޯޓަކާއި، އިންޑޯ އަދި އައުޓްޑޯ ޖިމެއް ޤާއިމުކޮށްދިނުމަށް ކައުންސިލުން އެދިވަޑައިގަތެވެ. ރައީސް ވަނީ މި ކަންކަމާ ގުޅޭގޮތުން ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން މެދުވެރިކޮށް އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ބައްދަލުވުމުގެ ކުރިން ރައީސް ވަނީ ކިނޮޅަހުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.




