މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ފުޓްސަލް ދަނޑެއް އަޅައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްޕޯޓްސް މިނިސްޓަރަށް އަންގަވައިފިއެވެ. މިކަން ރައީސް އެންގެވީ އެމަނިކުފާނު މިހާރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ. ފައިނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މާކުރަތު ކުދިންތަކެއް ރައީސް އާއި ބައްދަލުކޮށް، އެރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް އެދުނެވެ. މިއެދުމަށް އިޖާބަދެއްވަމުން ރައީސް ވަނީ މާކުރަތުގައި ފުޓްސަލް އޭ ކޯޓުގެ ދަނޑެއް އަޅައިދިނުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް އަންގަވައި، މިހާރުން ފެށިގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ ތެރޭގައި:
– މިއަހަރު ތެރޭގައި މާކުރަތު ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްދެއްވުން
– ޕަބްލިކް ވޯކްސް ސަރަހައްދު ތަރައްޤީކޮށް ނިންމަވައިދެއްވުން
– ސިއްޙީ މަރުކަޒު ތަރައްޤީކުރައްވައި، ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށްދެއްވުން
– ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވުން
– ޒުވާނުންގެ މަރުކަޒާއި އިތުރު ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރެއްވުން
– އަންނަ އަހަރު ގެދޮރުވެރިކަމުގެ މަޝްރޫޢެއް ހިންގެވުން ހިމެނެއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ފެށްޓެވި ގިނަ މަޝްރޫޢުތަކެއް މިދިޔަ ދައުރުގައި ހުއްޓިފައިވީނަމަވެސް، މިހާރު އެ މަސައްކަތްތައް އަލުން ނިންމުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މިގޮތުން މާކުރަތުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



