ރ. މާކުރަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ރަށު ކައުންސިލާ ބީއެމްއެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާކުރަތަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރުމިއެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. އަދި މާކުރަތު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިހާތަނަށް ބީއެމްއެލްއިން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.




