ކަނޑުމަގުން ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ނަބީޒްގެ/ ޅ. ހިންނަވަރު، އަޙްމަދު އަބޫބަކުރު (45އ) އާއި މާވާގެ/ހއ. ހޯރަފުށި، އަޙްމަދު ރަމީޒް (36އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ދެ މީހުންގެ ހައްޔަރުކުރެވުނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހޯރަފުށީގެ މަގުމަތިންނެވެ. އެ ދެ ފަރާތް ހިފެހައްޓައި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ހޯރަފުށީ ޕޮލިސް ސްޓޭޝަނުން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



