ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ އެކި ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި މިއަދު މާލެ އަނބުރާ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވާ އަތޮޅު އަދި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ ގުޅޭގޮތުން މުހިންމު ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހާލު ބައްލަވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. އަދި ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް އޮތް ތަނުގައި އުންމީދުކުރެވޭ ކަންކަމުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ބައެއް ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވައި، އަދި ނިމިފައިވާ ބައެއް ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވާފައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކުރުމުގެ ގޮތުން، ކައުންސިލްތަކާއި ބީއެމްއެލް އާއިމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



