މޯލްޑިވްސް އިމިގްރޭޝަން އާއި ސައުދީ އިމިގްރޭޝަން އާއި ދެމެދު އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ އިމިގްރޭޝަން އޮފިސަރުންނަށް ސައުދީ އަރަބިއްޔާގައި ތަމްރީނު ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުން، ދެ ގައުމުގެ މެދުގައި މަޢުލޫމާތާއި އިންޓެލިޖެންސް ހިއްސާކުރުމުގެ މައްސަލައަށް މިބައްދަލުވުމުގައި ޚާއްސަކޮށް އަލިއަޅުވާލެވުނު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިބައްދަލުވުމަށްފަހު ރާއްޖޭގެ އިމިގްރޭޝަންގެ ވަފުދުން ވަނީ ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލާފައެވެ.



