ޣައްޒާގެ އަޚުންނާއި އުޚްތުންގެ މައްޗަށް ހިންގަމުންދިޔަ ހަނގުރާމަ އަކީ އިންސާނީ ތާރީޚު ނުދެކޭފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޣައްޒާގެ މީސްތަކުންގެ މައްޗަށް ހިންގަމުންދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑާލުމުން ޣައްޒާގެ އަޚުންނާއި އުޚްތުންނަށް މަރުހަބާ ކިޔައި ޚުތުބާގައި ބުނީ ހަނގުރާމަ ހުއްޓާލުމަށް ޞަހްޔޫނީ ނިޒާމަށް މަޖްބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށާއި މިއީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަޞްރެއް ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގޮ އުދުވާނާ ގުޅިގެން ރާއްޖެއިން ވެސް އިސްލާމީ އުޚުވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރާއްޖޭގެ ރައްޔިތުން ވަނީ ޣައްޒާގެ އަޚުންނާއި އުޚްތުންނާ ބައިވެރިވުމުގެ ގޮތުން މުދަލަށް ހޭދަކޮށްފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުގައި ޣައްޒާގެ ރައްޔިތުންގެ އަޑު އުފުލުމަށް ރާއްޖެއިން މަސައްކަތް ކޮށްފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރަކީ ދިވެހިރާއްޖޭގެ އަޚުންނާއި އުޚްތުންނަށް ވެސް ލިބުނު ނަޞްރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި ނުގުޑާ ފަދަ އަޒުމެއްގެ ބަދަހިކަމާއި އެކު ތިބެ ﷲ އަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެކެވެ.
ހަނގުރާމައިގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ޝަހީދުވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅިންނާއި އިލްމުވެރިންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ލީޑަރުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން ހަނގުރާމަ މެދުކެނޑުމާއިއެކު އަސީރުން ބަދަލުކުރެވުނު ތަން ފެނިގެން ދިޔައިރު، މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންގެ ކިބައިން ފެނުނު މަންޒަރަކީ އުފާވެރިކަމުގެ މަންޒަރު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އަސީރުންނާ މެދު ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގެ އަޚުލާގު ކަމުގައި ޚުތުބާގައި ބުންޏެވެ.
ޣައްޒާގައި ކުރިއަށްދިޔަ މިހަނގުރާމައިން އިބުރަތް ލިބިގަންނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ލިބިގަންނަން ޖެހޭ ފުރަތަމަ އިބްރަތަކީ ﷲ އަށް ނަޞްރުދޭ ބަޔަކަށް ﷲ ނަޞްރު ދެއްވާނެކަން ކަމުގައި ޚުތުބާގައި ބުންޏެވެ. ހަމައެއާއިއެކު ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ހާލަތުގައި އަމަލުކުރި ގޮތުންނާއި އިބްރަތް ލިބިގަންނަން ޖެހޭ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އެހާތަލުގައި ވެސް ރިވެތި އަޚުލާގު އިޚްތިޔާރުކޮށް އަނިޔާވެރި ނުވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަނިޔާވެރިވުމަކީ އިސްލާމްދީން ޚަރާމްކޮށްފައިވާ ކަމެއް ކަމަށާއި އެއްވެސް ދީނެއްގެ މީހަކަށް ނުޙައްގުން އަނިޔާއެއް ދިނުމަށް އިސްލާމްދީން ހުއްދަ ނުކުރާ ކަމަށެވެ.



