ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރު ”އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން“ އަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ.
މީގެއިތުރުން، މި ޒަމާނުގައި ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަތީފަންތީގެ އީ-ލަރނިންގ ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވަރޗުއަލް ރިއަލިޓީ ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ކުރިމަގު، މުސްތަޤުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެކަމަށެވެ. އަދި ”ސްޓީމް“ ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މުނާސަބަތުގައި، ތަޢުލީމީ ދާއިރާގައި އިޚުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތަޢުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ރައީސް ޑރ. މުޢިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމުގެ ކޮންމެ ކުއްޖަކަށްވެސް ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.



