މާލޭގެ ގެއެއްގެ ފަސްވަނަ ދަންގިފިލާއިން ކުޑަކުއްޖަކު ނިކުންނަން އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައުރު ކުރުން ހުއްޓައިލަން ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުއްޖަކު ނިކުންނަން އުޅެ، ކުޑަދޮރުގައި އެލިފައި އޮތް މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރޭގައި މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އަދި އެކުއްޖާ ކުޑަދޮރާ ކައިރިވީއިރު ކުއްޖާގެ މަންމައަށް އޮތީ ނިދިފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން މީޑިއާތަކާ ރޭގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާަލުވެފައިވަނީ، މީސް މީޑިއާގައި ދައުރުވަމުންދާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ވީޑިއޯ ދައުކުރުން ހުއްޓާލައި ވީޑިއޯ މީސްމީޑިއާއިން ނަގަން ފުލުހުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންގެންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެއް. އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރ ވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް އަޅުގަނޑުމެން ދެކެން“ ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ މީސް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށާއި މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށެވެ.
އަދި އެއްވެސް ފަރާތަކުން އެ ވީޑިއޯ ޝެއާކޮށްފައިވާނަމަ އެ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ. މި ހާދިސާ އާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށް ވެސް ދަންނަވާފައިވެއެވެ.



