ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓު ދިމާ ބޭރުން ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.
ހަވާ އަރުވަނީ މިރޭ 9:30 ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް 5 މިނެޓެއްހާއިރު ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސިފްކޯ އިން ވިޔަފާރި އުސޫލުން މީގެ ކުރިންވެސް އެކި ފަރާތްތަކަށް ހަވާ އަރުވައިދީފައިވެއެވެ. އެގޮތުން ގިނައިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ގައެވެ.




