މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ މައްސަލައެއްގައި ފުވައްމުލަކުން އަންހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައިފާސްކޮށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުވައްމުލައް ރޯޒީ/ މަރިޔަމް ފަޒީލާ ހުސެއިން (40އ.) އެވެ.
ފަޒީލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި މައްސަލައާ ގުޅިގެން މިއަދު ހެނދުނު 10:45 ހާއިރެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.



