ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމު ވަސީލަތެއްކަމަށް ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިކަން އެކަމަނާ ފާހަގަކުރެއްވީ މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުނު ”ވިޝަންސް އޮފް ދަ ފިއުޗަރ“ ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވި ގޮތުގައި، ބްރޯޑްކާސްޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަކިވަކިން އޮންނަ ރަށްތައް ގުޅުވައިލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އަދި މި ދާއިރާގެ އަހައްމިއްޔަތުކަން ޒުވާނުންނަށް އޮޅުންފިލުވައިދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ކުރެހުމުގެ މުބާރާތް ފަދަ ޙަރަކާތްތަކަކީ ދަރިވަރުންގެ މުސްތަޤުބަލީ ވަޒީފާގެ ދާއިރާ ކަނޑައެޅުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މީގެއިތުރުން، ޓީވީ އަދި ރޭޑިއޯ ފަދަ ވަސީލަތްތަކުން ޤައުމު ބިނާކުރުމުގައި އަދާކުރާ ރޯލު އާ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި އެންމެ މަތީ ދަރަޖައިގެ އިނާމުތައް ހަވާލުކުރެއްވީ މެޑަމް ސާޖިދާއެވެ. އިނާމު ދެއްވުމަށްފަހު، ހަނދާނީ ފޮޓޯއެއް ނަންގަވައި، ”ވިޝަންސް އޮފް ދަ ފިއުޗަރ“ ގެ ކުރެހުންތައް ބައްލަވާލެއްވިއެވެ.



