ޑިއުޓީ ވަގުތު، ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނާ ނުކުޅުމަށް އެންމެހާ ފުލުހުންނަށް، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ އިލްތިމާސްކުރައްވައިފިއެވެ.
މިރޭ ބޭއްވުނު 38 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސީޕީ ޝުޖާއު ވިދާޅުވީ އަލަށް ޚިދުމަތަށް ނުކުންނަ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކެއް ހުރި ކަމަށެވެ.
ފުރަތަމަ ކަމަކަށް ސީޕީ އެދިވަޑައިގަތީ، ޑިއުޓީ އަދާކުރާ ވަގުތު ޑިއުޓީގެ ބޭނުމަށް ނޫނީ މޯބައިލް ފޯނު ބޭނުން ނުކުރުމަށެވެ. މިކަން ފާހަގަކުރެއްވީ ފުލުހުން މަގުމަތިން ފެންނަ ވަގުތު، ފޯނާ ކުޅެން ތިބޭކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާތީއެވެ.
”މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ތިބެނީ ފޯނަށް ގެއްލިފައޭ. މި ކަން ރަނގަޅުކުރަން އެބަޖެހޭ،“ ސީޕީ ޝުޖާއު ވިދާޅުވިއެވެ.
އަދި އުންމީދަކީ މި ކަންކަން ރަނގަޅުކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭ ވަގުތު އެ ކަމަށް ޚާއްޞަވެ ތިބުން ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންނާ ރިވެތި ބަހުން މުޢާމަލާތްކުރުމަށާއި، ފުލުހުންނަށް ލިބިފައިވާ ބާރު ހަމައެކަނި ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރުމަށްވެސް ސީޕީ އިލްތިމާސް ކުރެއްވިއެވެ.




