ރާއްޖެއިން އިންޑިއާގެ މުމްބައީއަށް ދިޔަ އެ ޤައުމުގެ ފްލައިޓެއްގެ ފާހާނާ ތެރެއިން 3.7 މިލިއަން ރުފިޔާގެ ރަން ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި ތަކެތި ފޮރުވައިގެން ވަގަށް އެތެރެކުރަން އުޅުނީ އިންޑިއާ މީހެކެވެ. އަދި މުމްބައީ އެއާޕޯޓުން އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާގެ ކަސްޓަމްސް ކަމަށްވާ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) އިން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކަރްނާޓަކާއަށް ނިސްބަތްވާ، އުމުރުން 24 އަހަރުގެ އިނާމުލް ހަސަން ކިޔާ މީހެކެވެ.
އޭއައިޔޫ އިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބޯޓު ފާސްކުރި އިރު 2.1 ކްރޯޑް (3.7 މިލިއަން ދިވެހި ރުފިޔާ) ގެ ރަން ހުރި 13 ޕައުޗް މަތިންދާބޯޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އެ ބޯޓު ފާސްކުރަމުން ދިޔަ ވަގުތު އިނާމުލް ހަސަން އެއާޕޯޓް ތެރެއިން ހިފަހައްޓައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާގެ ކަސްޓަމްސްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ރަންތައް ފާހާނާ ތެރެއިން ނަގައި، އެއާޕޯޓުން ބޭރުކުރުމަށް ހަވާލުވެފައިވަނީ އެ ފްލައިޓުގެ މުވައްޒަފުންތަކަކާ ވެސް ގުޅިގެން ކަމަށް ބެލެވެއެވެ.
މިކަން ހިނގާފައިވަނީ ކޮން ފްލައިޓަކުން ކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ މީހާ ރަން ހޯދީ ކޮންތާކުން ކަމާއި އެއީ ކާކަށް ގެންދާ އެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.



