ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް، ދެ ބޭފުޅަކު މިއަދު އައްޔަނު ކުރައްވައިފިއެވެ.
އޭސީސީ އަށް ރައީސް މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ އެވެ.
އެގޮތުން އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އަދި ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.
އޭސީސީގެ މެންބަރުކަމަށް މި ދެ ބޭފުޅުން އައްޔަނު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ޙަވާލުކޮށްދެއްވާފައެވެ.




