ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހު މަރުހަލާއެއްގައި ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މީޑިއާތަކަށް ވެސް އެއްބަސްވެވޭފަދަ ބިލެއް ގެނައުމަށް ކަމުގައި ވެސް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
”މީޑިއާއިން ބުނަނީ މީޑިއާއިން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެއޭ. އެކަމު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެ މީހަކު ދައްކަން ބޭނުންވާ އެއްޗެއް ހަމަ ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ،“ ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަން ވަކިން ހިންގާތީ ދައުލަތުން ބޮޑު ބަޖެޓެއް އެކަމަށް ވެސް ހިނގާ ކަމަށާއި ނަމަވެސް ދެ ތަނުން ވެސް ކުރަނީ އެއް މަސައްކަތެއް ކަމަށެވެ.
ނާޒިމްގެ ވިސްނުންފުޅު ހުރީ މެލޭޝިއާ ފަދައިން މި ދެ މުއައްސަސާ އެއްކޮށްލާ މަލްޓި މީޑިއާ ކައުންސިލެއް އުފެއްދުމަށެވެ. އަދި، މި ބިލުގެ ދަށުން އެ ކޮމިޝަނުން އިންޓަނެޓުގެ ޕްލެޓްފޯމުތައް ވެސް ރެގިއުލޭޓު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ނުކުރާ ކަމަށެވެ. އަދި ނޫސްވެރިން ވަރަށް ބޮޑަށް ޒާތީވެ، ”ވިޔާނުދާ“ ކޮންޓެންޓުފަދަ އެއްޗެހި ޓީވީތަކުން ދައްކާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.



