ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި މިވަނީ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓްކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހު މަރުހަލާއެއްގައި ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މީޑިއާތަކަށް ވެސް އެއްބަސްވެވޭފަދަ ބިލެއް ގެނައުމަށް ކަމުގައި ވެސް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
”މީޑިއާއިން ބުނަނީ މީޑިއާއިން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެއޭ. އެކަމު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެ މީހަކު ދައްކަން ބޭނުންވާ އެއްޗެއް ހަމަ ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ،“ ނާޒިމް ވިދާޅުވިއެވެ.
މި ޚަބަރާ ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ”އެކްސް“ މެދުވެރިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް ކަމަށެވެ.
”ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ-ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން“ ހީނާ ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ނައިބު ރައީސް އެ އިންޓަވިއުގައި އިތުރަށް ވިދާޅުވެފައިވަނީ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަން ވަކިން ހިންގާތީ ދައުލަތުން ބޮޑު ބަޖެޓެއް އެކަމަށް ވެސް ހިނގާ ކަމަށާއި ނަމަވެސް ދެ ތަނުން ވެސް ކުރަނީ އެއް މަސައްކަތެއް ކަމަށެވެ.
ނާޒިމްގެ ވިސްނުންފުޅު ހުރީ މެލޭޝިއާ ފަދައިން މި ދެ މުއައްސަސާ އެއްކޮށްލާ މަލްޓި މީޑިއާ ކައުންސިލެއް އުފެއްދުމަށެވެ. އަދި، މި ބިލުގެ ދަށުން އެ ކޮމިޝަނުން އިންޓަނެޓުގެ ޕްލެޓްފޯމުތައް ވެސް ރެގިއުލޭޓު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ނުކުރާ ކަމަށެވެ. އަދި ނޫސްވެރިން ވަރަށް ބޮޑަށް ޒާތީވެ، ”ވިޔާނުދާ“ ކޮންޓެންޓުފަދަ އެއްޗެހި ޓީވީތަކުން ދައްކާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.



