ކުރިން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކޮށްފައިވާ ދެ ބާވަތެއްގެ ބޭސް އަލުން އެތެރެކޮށް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފިއެވެ.
އަލުން ހުއްދަ ދެވުނު ބޭސްތަކަކީ ޕާކިސްތާނުގައި އުފައްދާ މެފްނެކް ސަސްޕެންޝަން (މެފެނެމިކް އެސިޑް) އާއި މެލޭޝިއާގައި އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން (މެފެނެމިކް އެސިޑް) އެވެ. މި ދެ ބޭހަކީވެސް ތަދު ކަނޑުވުމަށް ބޭނުންކުރާ ބޭސްތަކެކެވެ.
މި ބޭސްތައް ބޭނުންކުރުން މަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު 26 ގައެވެ. އޭރު މިބޭސްތައް ބޭނުން ކުރުން މަނާކޮށްފައި ވަނީ އެ ބޭސްތަކުގައި ނުރައްކާތެރި ކެމިކަލްތަކެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ހުރިކަމަށް ފާހަގަކުރެވިގެންނެވެ.
އެމްއެފްޑީއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބޭސްތައް އަލުން ހުއްދަ ދިނުމުގެ ކުރިން، މާކެޓުގައި ލިބެންހުރި ބެޗްތަކުން ސާމްޕަލް ނަގައި އިތުރު ޓެސްޓުތައް ހަދާފައިވެއެވެ. މި ޓެސްޓުތަކުން މިހާރު މި ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ބޭސްތައް އެތެރެކުރާއިރު، ޑައި އީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެނަލައިސިސް ރިޕޯޓް ޑަބްލިއުއެޗްއޯ ޕްރިކޮލިފައިޑް ލެބޯރެޓަރީ އަކުން ހުށަހަޅަންޖެހޭނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ އަންގަވާފައެވެ.



