ރަމަޟާން މަހު ތަރާވީހު ނަމާދު ކުރެއްވުމަށް ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިމާމުންނަށް މިއަހަރު ދޫކުރާނީ 45 ދުވަހުގެ ”ސްޕެޝަލް ވިސާ“ އެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭ އުސޫލެއް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން، ވިސާއަށް އެދި ހުށަހެޅޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ރާއްޖެ ވަޑައިގަންނަވާ ދުވަހުން ފެށިގެން 45 ދުވަހުގެ މުއްދަތަށް މި ޚާއްޞަ ވިސާ ދޫކުރެވޭނެއެވެ.
މި އުސޫލުގެ ދަށުން ވިސާ ދޫކުރެވޭނީ ރާއްޖެއިން ބޭރުގެ އިމާމުންނާއި، ހާފިޒުންނާއި އަދި ގާރީންނަށް ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.



