ބޮލީވުޑްގެ އެކްޓްރެސް އުރްވަޝީ ރައުޓެލާ އަށް އަނެއްކާވެސް ބެލުންތެރިންގެ ފަރާތުން ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ގިނަ ބަޔަކު އުރްވަޝީ ސިފަ ކޮށްފައިވަނީ ރީތިކަން ލިބިފައިވާ ސިކުނޑިއެއް ނެތް މީހެއްގެ ގޮތުގައެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރާ ބައެއް ޕޯސްޓުތަކުންނާއި ވަކިން ޚާއްސަކޮށް އިންޓިވިއުތަކަށް އަރާފައި ދައްކާ ވާހަކަތަކުން ގިނަ ބަޔަކު އުރްވަޝީއަށް ހަޖޫ ޖަހަމުން ދެއެވެ.
ދާދި ފަހުން އުރްވަޝީ ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ”ޑާކޫ މަހަރާޖް“ ގެ ޕްރޮމޯޝަނާ ގުޅިގެން އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި ނޫސްވެރިޔާ އުރްވަޝީ ގާތު، ސައިފް އަލީ ޚާންއަށް މީހަކު ވަޅިން ހަމަލާ ދިން ހާދިސާއާ ގުޅިގެން ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، އޭނާ ބުނެފައިވަނީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. ނަމަވެސް އެހެން ބުނުމަށްފަހު އުރްވަޝީ ވަނީ އޭނާގެ އަތުގައި އަޅާފައި އޮތް ގަޑި ދައްކާލާފައި އެއީ އޭނާގެ މަންމަ އޭނާއަށް ހަދިޔާކުރި އަގުބޮޑު ގަޑިއެއް ކަމަށް ބުނެފައެވެ.
އުރްވަޝީގެ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގިނަ މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައި، މަލާމާތް ކޮށްފައެވެ.
އެ ވީޑިއޯއާ ގުޅިގެން އުރްވަޝީ ފަހުން ވަނީ ސައިފްގެ ކިބައިން މާފަށް އެދި ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް ފަހުން އެ ޕޯސްޓު އޭނާވަނީ ޑިލީޓު ކޮށްފައެވެ.


