ތިނަދޫ ސިޓީ ކައުންސިލުގައި ވައްކަމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކައުންސިލުގެ ގިނަ އަދަދެއްގެ ތަކެތި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަމުގައި އައި ބަޔަކު ކަމަށްބުނެ، ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުޤީޤު ކުރަމުންދާތީ މިއަދު އެ ކައުންސިލުގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ވާހަކަވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން މިއަދު ވިދާޅުވީ ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އޭސީސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



