ޕީއެންސީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަސްޕެންޑުކުރި ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކޮށްފިއެވެ.
ނިމިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިހާދު ވަނީ އިދިކޮޅު އެމްޑީޕީއަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ އެއިރު ވިދާޅުވީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން ދިޔަ ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކައެއް ދެއްކެވީތީ ނިހާދު ސަސްޕެންޑު ކޮށްފައިވާ ކަމަށް، ސަރުކާރުގެ ފަރާތުން އިސް އޮފިޝަލަކު އެއިރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު ނިހާދު ބަދަލުކުރައްވާފައިވާ ކަމަށާއި މިބަދަލު ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވަނީ އެނގިފައެވެ. އޭނާ މިހާރު މަސައްކަތްތަކަށް ނިކުންނަވަން ފައްޓަވައިފިކަމަށް ވެސް އެނގިފައިވެއެވެ.
ޓެރަރިސްޓު ހަމަލާއެއް އެމްޑީޕީން ދޭން އުޅޭކަމަށްބުނެ ސްޓޭޓް މިނިސްތަރު ނިހާދު ދެއްކެވި ވާހަކަތަށް އެމްޑީޕީން ވެސް ވަނީ އެއިރު ކުށްވެރިކޮށްފައެވެ. އަދި އެ ޕާޓީއަށް ކޮށްފައިވާ ތުހުމަތުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.



