ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް އިންޑިއާ އާއިއެކު މަޝްވަރާކޮށްފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމަނިއަމް އާ ދެމެދު ކުރިއަށް ގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި އިންޑިއާގެ އެހީއާއިއެކު ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާއިރު، މީގެ ތެރޭގައި އިންޑިއާގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތުތައް ހޯދުން ހިމެނެއެވެ.
މީގެއިތުރުން، ފުޑް ސެކިއުރިޓީ އާއި ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަމާ ބެހޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.



