އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކައުންޓު ހެކްކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ އަދަދު މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެފަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ.
ނަމަވެސް، އޯޓީޕީގެ ބަދަލުގައި ”ފްލޭޝް ކޯލްސް“ ކިޔާ އާ އޮތެންޓިކޭޝަން މެތަޑެއް ތަޢާރަފުވެފައިވާ ކަމަށާއި، މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތެންޓިކޭޝަން މެތަޑެއް ކަމަށް ޓެކްނޮލޮޖީ އުފެއްދި ފަރާތްތަކުން ބުނާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށާއި، މިއީ އަގުހެޔޮ އަދި އަވަސް ގޮތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި އާ ޓެކްނޮލޮޖީއާ ގުޅިގެން ސްކޭމަރުން ވެސް އެމީހުންގެ އުކުޅުތައް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
މިއާއިއެކު ފުލުހުން ވަނީ ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، އެ ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތް ދެނެގަތުމަށާއި، އެއްވެސް ފަރާތަކަށް ފޯނަށް ލިބޭ ކޯޑެއް، ގުޅާފައި އޮގުޅާފައި އޮތް ނަންބަރެއް ނުވަތަ މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ހިއްސާ ނުކުރުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި މިކަމާ ގުޅޭ ގޮތުން އާއިލާ މެންބަރުންނާއި ރައްޓެހިން ހޭލުންތެރިކުރުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.



