ހއ. ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ރާޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ފެށުނު މި މަޝްރޫޢުގެ މަސައްކަތް، 2023 ވަނަ އަހަރުގެ ފަހުކޮޅު އެކި ސަބަބުތަކާ ހުރެ މަޑުޖެހުނު ނަމަވެސް، ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން 2024 ވަނަ އަހަރުގެ ކުރީކޮޅު މިމަސައްކަތް އަލުން ފެށި ވަނީ ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި، ހޮޅި އެޅުމާއި، އަދި ސްޓޯމް ވޯޓަރ ނެޓްވޯކް އެޅުން ހިމެނޭ ކަމަށް ރާޑީސީން މަޢުލޫމާތުދެއެވެ.
ހަމައެއާއިއެކު، ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 25 އިންސައްތަ މަސައްކަތާއި މި މަޝްރޫޢުގެ ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.



