ރާއްޖޭގެ މަސްވެރިން ތަރައްޤީވެގެން ދިޔައިރު، މަސްވެރި ސިނާއަތުގައި ހުރި ވަސީލަތްތައް ހުރީ ތަރައްޤީ ނުވެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައިހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި މިވަނީ ދޮރުތަކެއް ހުޅުވިފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިން ޚިދުމަތް ހޯދަން ހުރި ތަންތަން ތަރައްޤީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުރި ހުރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.
”މަސްވެރިން ބާނާ މަސް ކިރުމުގައި ހުރި ގޮންޖެހުންތައް، މަސްވެރިން ބޭނުންވާ އައިސް ލިބުމުގައި ހުރި ގޮންޖެހުންތައް، މަސް ޕްރޮސެސް ކުރުމުގައި ހުރި ގޮންޖެހުންތައް، މިހުރިހާ ގޮންޖެހުންތައް މިހުރީ ވަރަށް ޒަމާންތަކެއް ވަންދެން އެކަންކަމަށް އެއްވެސް ވަރަކަށް ހައްލެއް ހޯދައި ނުދެވި. މަސްވެރިން ތަރައްޤީވެގެން ދިޔައިރު، މަސްވެރި ސިނާއަތުގައި ހުރި ވަސީލަތްތައް ތަރައްޤީ ނުވެ ހުރީ“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިފްކޯއަކީ މަސްވެރިން އެންމެ ބަރޯސާވާ ކުންފުނި ކަމަށާއި ނަމަވެސް އުމްރާނީ ގޮތުން އެކުންފުނި މިއަދު އޮތީ އޮންނަންޖެހޭ ހިސާބުގައި ނޫން ކަމަށެވެ. އަދި އެކުންފުނީގެ ވަސީލަތްތައް މިއަދު ހުރީ މުޅި މަސްވެރި ފްރީޓަށް ޚިދުމަތް ދެވޭ މިންވަރަކަށް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



