ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ އެއްވެސް ފޯމެއް ރަނގަޅަށް ވެރިފައި ނުކޮށް ޕްރޮސެސްކޮށްގެން ނުވާނެ ކަމަށާއި ވަގު ފޯމުގެ މައްސަލައިގައި އީސީން ގޯސްތަކެއް ހަދާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒު ސަންގު ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވަގު ފޯމުތައް ހުށަހަޅާފައިވާ މައްސަލައަށް އެއްޗެއް ވިދާޅުވާން ދަތި ކަމަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ތެރެއިން ހިނގައި ދިޔަ ކަންކަމަކީ ސީދާ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހޯމް މިނިސްޓަރ މެދުވެރިވެގެން ކުރެއްވި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕަރސަން އިތުރަށް ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީއަށް ވަންނަ ނަމަ ރައްޔިތު މީހާގެ ޙައްޤު ގެއްލުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ އެތައް ސަތޭކަ މައްސަލައެއް އެމްޑީޕީގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެމްޑީޕީން ދެބައި ކުޅަ އެއްބައި ފޯމުތައް ޕްރޮސެސް ކުރެވިފައިވާ ކަމަށާއި މި އަދަދަށް ފޯމު ޕްރޮސެސްކޮށް، ހުރިހާ ފޯމެއް އަދިވެސް ޕްރޮސެސް ނުކުރެވުމަކީ އީސީގެ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.




