ގައުމީ ފެންވަރުގެ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުވެސް އުތީމުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން، ބަޖެޓުގެ ގޮތުން ވެސް އިތުރު އަހަމިއްޔަތުކަމެއް ދީގެން ގައުމީ ދުވަސް ފާހަގަ ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން، މި އަހަރާއި އަންނަ އަހަރު ވެސް ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް އުތީމުގައި ފާހަގަ ކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ސިޔާސަތަކީ ގައުމިއްޔަތު އާލާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެގޮތުން އެ ކަން ހާސިލް ކުރުމަށް ޓަކައި އުތީމަކީ ވަރަށް ޚާއްސަ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އުތީމަކީ ސަރުކާރުގެ ތަރައްގީގެ ދުވެލީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ރަށެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އުތީމު ގަނޑުވަރަކީ މުހިންމު ގައުމީ ތަރިކައެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެ ތަން ބެލެހެއްޓިފައިނުވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން އެ ކަން ބަދަލު ކުރައްވައި، ދޭން ޖެހޭ އެންމެ އިސްކަން ދީގެން، އުތީމު ގަނޑުވަރު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.



