ހއ. އަތޮޅުގެ ތިން ރަށެއްގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެގޮތުން ބިންގާ އަޅާފައި ވަނީ ހއ. މުރައިދޫ، ހއ. ފިއްލަދޫ އަދި ހއ. އުތީމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ތިން ރަށުގެ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވާފައިވަނީ ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އެވެ.
މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން، ޙާލަތު ދަށް 55 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ދަށުން މި ކައުންސިލް އިދާރާތަކަށް އާ އިމާރާތް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ދުވަސްވެ ވީރާނާ ވަމުންދާ ކައުންސިލް އިދާރާތައް އައުކުރަން މިސަރުކާރުން އިސްނެގީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ފަސޭހަކޮށް ޒަމާނީ ކުރުމަށްޓަކައެވެ.
މީގެއިތުރުން، ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހއ. މުރައިދޫ އަދި ހއ. އުތީމުގެ ޕޮލިސް ޕޯސްޓުގެ ވެސް ބިންގާ ވަނީ އަޅުއްވާފައެވެ. މި ދެ ރަށުގެ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވާފައިވަނީ ހޯމް މިނިސްޓަރ ޢަލީ އިޙްސާންއެވެ.




