އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ހއ. ދިއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ހއ. ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި މި ވަނީ، ހއ. ގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅުދައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހއ. ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެމް.ޓީ.ސީ.ސީއާއި، ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި ހިނގާ 2025 ވަނަ އަހަރު، ވަރަށް އަވަހަށް އަމަލީ ސިފައެއްގައި، ބިން ހިއްކުމުގެ މަސައްކަތާއެކު ފައްޓަވައި، އެކަން ނިންމަވައި، ދެއްވަން ކުރަންހުރި ހުރިހައި ކަމެއް ބާރު ދުވެލީގައި ފައްޓަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ހއ. ދިއްދޫއަށް ވަޑައިގަންނަވާނީ، އެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމަށެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީއަކީ އެންމެންނަށް ހަމަހަމަކޮށް ގެނެސްދެވޭ އެއްޗެއް ކަމަށާ، އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށެވެ. އެ މަނިކުފާނަށް ސިޔާސީ ފިކުރު މުހިންމެއް ނޫން ކަމަށާއި، ހުރިހާ ރައްޔިތުން ހަމަހަމަކަމުގައިވެސް ވިދާޅުވިއެވެ. ޤައުމަށް، އަދި ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން ކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ މުސްތަޤުބަލަށްޓަކައި ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށެވެ.



