ރާއްޖެއިން ޗައިނާއާއެކު އޮތީ އިހުތިރާމާއި އެއްބާރުލުން ދިނުމުގެ ގާތް ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި މެސެޖެއްގައެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚުލާސްތެރި ހެޔޮއެދުންތައް ރައީސް މުޢިއްޒު ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި، ރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އަދި ”ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ، ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.
ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.



