ހއ. ތަކަންދޫ ފުލުހުންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ހއ.ގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ތަކަންދޫއަށް މިއަދު ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު އާއި، އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އަދި ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ 2026ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.



