ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް އުވާލައިފިއެވެ.
އެމްއާރްއެމް އުވާލަން ނިންމާފައިވާ ކަމަށް ބުނެ، އީސީގެ މެންބަރު މުޙައްމަދު ޒާހިރު، އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫންއަށް ފޮނުއްވާފައިވާ ސިޓީއެއް ”ސައުވީސް“ އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ނިޔާކުރާ ގޮތުގެ މަތިން، އެމްއާރްއެމް ގައި 3،000 މެންބަރުން ހަމަވެފައިނުވާތީ، ޕާޓީ ދެމިއޮތުމަށް ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން 3 މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެ ޕާޓީއަށް އެއަދަދަށް މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ މާއްދާގެ ދަށުން އެމްއާރްއެމް އުވާލައި، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އެމްއާރްއެމްގެ ނަމުގައި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް ވެސް އީސީން ވަނީ އަންގާފައެވެ.
ސިޔާސީ ޕާޓީ އެއްގައި ހަމަވާން ޖެހޭ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ 2023 ވަނަ އަހަރުވެސް އީސީން ވަނީ އެޕާޓީ އުވާލާފައެވެ. ނަމަވެސް އެއިރު އީސީން އެފަދައިން ނިންމާފައިވަނީ އެ ކޮމިޝަނުން މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެ ޕާޓީން ހުށަހެޅި ގިނަ އަދަދެއްގެ ފޯމުތައް ޕްރޮސެސް ނުކޮށް ކަމަށްވާތީ، އެމްއާރްއެމްގެ ފަރާތުން ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ ކޯޓުން އަމުރުކޮށްފައިވަނީ، މައްސަލަ ކޯޓުން ވަކި ގޮތަކަށް ނުނިމެނީސް އެމްއާރްއެމް އުވައި ނުލެވޭނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ އަދިވެސް އޮތީ ކޯޓުގައި، ވަކި ގޮތަކަށް ނުނިމިއެވެ.



